އިތުރު ފަންކްޝަންތަކާއެކު ޙައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓް ތައާރަފްކޮށްފިއެވެ. ޙައްޖު ކޯޕަރޭޝަނުން ޙިދުމަތް ހޯދާ ފަރާތްތަކަށް ފަސޭއިން ޙައްޖު އަދި ޢުމްރާގެ ޙިދުމަތަށް ރެޖިސްޓަރ ކުރުމާއި ޙައްޖު އަދި ޢުމްރާއާގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި މި ގެނެވުނު ބަދަލުތަކުން ކޯޕަރޭޝަނުންދޭ ޚިދުމަތްތައް ލިބިގަތުމަށް ފަސޭހަވެގެންދާނެއެވެ.
އައު ވެބްސައިޓް ތައާރަފްކޮށްދެއްވާފައިވަނީ، މިއަދު މެންދުރުފަހު ޙައްޖު ކޯޕަރޭޝަންގައި ބޭއްވުނު ޚާއްޞަ ހަފްލާއެއްގައި ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލްއެވެ.
ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓްގައި ހިމެނޭ އައި ކަންތައްތަކަށް ބަލާއިރު، ޙައްޖު ކިއުލިސްޓް އާންމުންނަށް ފެންނާނެ ގޮތަށް ވެބްސައިޓްގައި އާންމުކުރުން، ވެބްސައިޓް މެދުވެރިކޮށް ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް “ފަހެލި” ޕޯޓަލްގެ ޙިދުމަތްތައް ހޯދުމަށް ފަސޭހަވެގެން ދިއުން ހިމެނެއެވެ. މީގެ އިތުރުން، ޙައްޖު އަދި ޢުމްރާ ދަތުރުތަކާއި ޙައްޖު ކޯޕަރޭޝަންގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ ޚަބަރުތަކާއި ފޮޓޯތައް އާންމުކޮށް ވެބްސައިޓްގައި ޝާއިއުކުރެވިގެންދާނެއެވެ.
ޓެކްނޮލޮޖީގެ މިޒަމާނުގައި ރައްޔިތުން ގިނަ ޙިދުމަތްތައް ހޯދަމުންދަނީ މޮބައިލް ފޯނުގެ ޒަރީއާއިންކަމަށްވާތީ ޙައްޖު ކޯޕަރޭޝަންގެ އައު ވެބްސައިޓް ތައާރަފްކޮށްފައިވަނީ މޮބައިލް ފޯނުން ޙިދުމަތްތައް ހޯދަން ފަސޭހަވާނެ ގޮތަށްކަން ފާހަގަ ކޮށްލަމެވެ. އެގޮތުން މި ވެބްސައިޓްގެ ހުރިހާ ޙިދުމަތްތަކެއްވެސް ފަރުމާކޮށްފައިވަނީ މޮބައިލް ފްރެންޑްލީ ވާޝަންތަކެއްގެ ގޮތުގައެވެ.
ކޯޕަރޭޝަނުން ޙިދުމަތްތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން މޮބައިލް އެޕްލިކޭޝަނެއް ތައާރަފްކުރުމުގެ މަސައްކަތްވަނީ މިހާރު ފަށާފައެވެ. ބޮމައިލް އެޕްލިކޭޝަނާއެކު އޮންލައިން ޕޯޓަލް އަދި ވެބްސައިޓްގެ ތެރެއިން ދެވޭ ހުރިހާ ޚިދުމަތްތަކެއް މޮބައިލް އެޕްލިކޭޝަންގެ ތެރެއިން އާންމުންނަށް ލިބިގެންދާނެއެވެ.